ކައުންސިލަރުންގެ އަދަދު މަދުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް----
ރައްޔިތުންގެ މަޖިލިސް----

ކައުންސިލަރުންގެ އަދަދު މަދުކުރަން ފާސްކޮށްފި

SHARE

ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލްތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަތޮޅު ކައުންސިލްތައް އުވާލައި، ރަށު އަދި ސިޓީ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރީ 54 މެމްބަރުންގެ ވޯޓާއެކު އެވެ. 11 މެމްބަރަކު އެކަމާ ދެކޮޅަށް ވޯޓު ދެއްވި އެވެ.

އެ ގާނޫނަށް ގެނެވުނު އިސްލާހުގައި ވަނީ 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 3 ކައުންސިލަރުން ކަމަށެވެ. އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގެ ކައުންސިލަށް އައްޔަން ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 5 ކައުންސިލަރުން ތިބެންޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މީގެއިތުރުން 3 ކައުންސިލަރުން އިންތިހާބު ކުރާ ރަށު ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންޖެހޭ އިރު 5 ކައުންސިލަރުން އިންތިހާބު ކުރާ ކައުންސިލްތަކުގައި މިހާރުވެސް އަމަލުކުރާ ގޮތަށް 2 ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންޖެހޭނެ ކަމަށް އެ އިސްލާހުގައި ވެއެވެ.

މި ބިލުގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލަށް 16 މެންބަރުން އިންތިހާބުކުރަން ޖެހޭނެ ކަމަށެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން 8 މެންބަރުން ތިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އެ ބިލުގައި ވަނީ އެހެން ސިޓީތަކުގައި އާބާދީ 10،000 އާއި 25،000 ދެމެދުގެ އަދަދެއްނަމަ މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން، އާބާދީ 25،000 އާއި 50،000 އާ ދެމެދު ނަމަ މޭޔަރު ހިމެނޭހެން 11 ކައުންސިލަރުން އަދި 50،000 އަށްވުރެ އިތުރުނަމަ މޭޔަރު ހިމެނޭހެން 15 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭނެ ކަމަށެވެ.