"މީޑިއާ ފެންޑާ" ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ރައީސް، މީޑިއާ ފެންޑާ ރަސްމީކޮށް ހުޅުއްވައިދެއްވުން-- ފޮޓޯ / ރައީސް އޮފީސް

"މީޑިއާ ފެންޑާ" ރަސްމީކޮށް ހުޅުއްވައިދެއްވައިފި

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "މީޑިއާ ފެންޑާ" ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

"މީޑިއާ ފެންޑާ" އަކީ ރައީސް އޮފީހަށް ވަދެނުކުމެވާ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. މީޑިއާ ފެންޑާގެ މައިގަނޑު މަގުސަދަކީ، ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސް އޮފީސް ކަމުގައިވާ ރައީސް އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުމެވެ.

މީޑިއާ ފެންޑާ ބަލަހައްޓާނީ، ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި ރައީސް އޮފީހުންނެވެ. އަދި މީޑިއާ ފެންޑާގެ ސަލާމަތީ ކަންކަމާއި، އިދާރީ ކަންކަން ހިނގަމުންދާނީ ރައީސް އޮފީހުގައި މި ކަންކަން ބެލެހެއްޓުމުގެ ނިޒާމު ކަނޑައަޅައިފައިވާ އުސޫލުންނެވެ. ސަރުކާރުގެ ރަސްމީ މަސައްކަތު ކޮންމެ ދުވަހަކު މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެއެވެ. ނަމަވެސް، ރަސްމީ މަސައްކަތު ދުވަހަކަށް ނުވިނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރާ ނޫސްވެރީން ބޭނުންވާ ހާލަތްތަކުގައި، 24 ގަޑިއިރުވެސް މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެއެވެ.

މީޑިއާ ފެންޑާ ބޭނުންކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި، ވަސީލަތްތަކުގެ ދަފުތަރުގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެގެން، ގަވާއިދުން ހިނގަމުން އަންނަ ރާއްޖޭގެ މީޑިއާތަކަށެވެ. އަދި އެ މީޑިއާތަކަށްވެސް މީޑިއާ ފެންޑާ ބޭނުން ކުރެވޭނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާއްސަ ހުއްދައެއްގެ ގޮތުގައި ދޭ ފާހަކާ އެކުގައެވެ.

މީޑިއާ ފެންޑާއަކީ ގްރީން ޒޯނުގެ ސަރަހައްދުގައި ހުންނަ ޖާގައަކަށް ވާތީ، ގްރީން ޒޯން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން އެ ވަގުތަކު ކަނޑައަޅާ ހުރިހާ އުސޫލެއް މީޑިއާ ފެންޑާއަށާއި އެސަރަހައްދަށް ވެސް ހިނގާނެއެވެ.

ސަރުކާރުން ދަނީ މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުން ފަހިކޮށްދެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މީޑިއާތައް ބާރުވެރިކުރުމަށާއި، ނޫސްވެރިންނަށް ތަމްރީނުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.