އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކޮށް, ތަމްރީން ދިނުމުގެ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކޮށްފި

1fa461d2-dcbe-4c03-a4e8-86f5c8fa6a5c

އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކޮށް, ތަމްރީން ދިނުމުގެ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކޮށްފި

SHARE

ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ރާއްޖޭގައި އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކޮށް, ޑިފެންސް މިނިސްޓްރީ އާއެކު ތަމްރީން ދިނުމުގެ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުގައިދީ އާއި ސިވިލް އަދި އަސްކަރީ އިސްވެރިންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވި އެވެ. އައިއެމްސީޓީސީން ދެ އަސްކަރީ އިނީޝިއޭޓިވް ފަށާފައިވާއިރު އެއީ، "ކޮމްޕިޓެންސް" އިނީޝިއޭޓިވްއަކާއި، ސައިބާ އިނީޝިއޭޓިވް އެކެވެ.

"ކޮމްޕިޓެންސް" އިނީޝިއޭޓިވްގެ މަގުސަދަކީ, އަސްކަރީ ދާއިރާއިން ހާއްސަކޮށް ނޭވަލް މައިންއާ ދެކޮޅަށް ރާއްޖޭގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމެވެ. އެގޮތުން ނޭވަލް މައިންތަކާ ގުޅޭ މައުލޫމާތާއި އެ ތަކެތީގެ މެކޭނިޒަމްތަކާއި ރައްކާތެރިކަމާއެކު މައިން ނައްތާލުމުގެ އުކުޅުތައް އަދި އެންމެ ޒަމާނީ ސާމާނާއި އެޑްވާންސްޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން މައިން ހޯދައި ނައްތާލުން އަދި ކަނޑުއަޑީގެ އޮޕަރޭޝަންތަކުގައި ދޭ ފިލްޑް ތަމްރީނުތައް ހިމެނޭ ގޮތަށް ތިއަރީ އަދި އަމަލީ ތަޖުރިބާތައް ލިބޭ ހާއްސަ ކޯސްތަކެއް ހިންގާނެ އެވެ.

ސައިބާ އިނީޝިއޭޓިވްގެ މަގުސަދަކީ ރާއްޖޭގައި ސައިބާ ނިޒާމުތައް އިތުރަށް ވަރުގަދަކުރުމެވެ. އެގޮތުން މި އިނީޝިއޭޓިވްގެ ދަށުން ޑިޖިޓަލް ރައްކާތެރިކަން, ނުރައްކާތައް ދެނެގަތުން, ސައިބާ ހަމަލާތަކަށް ރައްދުދިނުމުގައި ބޭނުންކުރާ އުކުޅުތައް އަދި ގައުމީ އިންފްރާންސްޓްރަކްޗާގެ ސަލާމަތީ ކަންކަން ވަރުގަދަކުރުން ފަދަ ކަންކަން ހިމެނޭ ހާއްސަ ޕްރޮގްރާމްތައް ހިންގާނެ އެވެ.

ރާއްޖޭގައި އިފުތިތާހު ކުރި ފަދަ ސްޓްރެޓީޖިކް އިނީޝިއޭޓިވްތަކަކީ މަތީ ފަންތީގެ ކުރިއަރާފައިވާ ޕްރޮގްރާމްތައް މެދުވެރިކޮށް މެންބަރު ގައުމުތަކުގެ އަސްކަރިއްޔާ ތައްޔާރުކޮށް, ސައިބާ ސެކިއުރިޓީ އަދި ބަދަލުވަމުންދާ ނުރައްކާތަކާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.