އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށި ސިޓީ ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު ވަނީ ކުޅުދުއްފުށި ޕޯޓަށް ބަނދަރުކޮށްފި އެެވެ.
ކުޅުދުއްފުށި ބަނދަރަށް އިއްޔެ ބަނދަރުކުރީ ޓުޓިކޮރިން އިން 127 ޓަނުގެ މުދާ ބަރުކޮށްގެން އައި “ވީބީ ޕްރޮގްރެސް” ބޯޓެކެވެ. މި ބޯޓުން ގެނައީ އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި އަމިއްލަ ވިޔަފާރިއެއްގެ ޕެރިޝަބަލް ކާގޯ އެވެ.
މި ވަގުތު ޝެޑިއުލްކޮށްފައިވަނީ ކޮންމެ މަހަކު ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް އެއް ދަތުރު ކުރާ ގޮތަށެވެ. ނަމަވެސް، މުދާ ގެންނަ މިންވަރަކުން، މި ދަތުރުތައް އިތުރުކުރެވޭނެކަމަށް އެމްޕީއެލްއިން ބުނެ އެވެ. ދާއިމީ ގޮތެއްގައި ޓުޓިކޮރިން އިން ސީދާ ކުޅުދުއްފުއްޓަށް މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެހުމުން، ކުޅުދުފުއްޓާއި އުތުރުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބުމަށް މަގު ފަހިވެގެންދާނެ އެެވެ.
ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ބަނދަރުގެ އޮޕަރޭޝަންސްތައް ހަރުދަނާކުރުމަށް އެމްޕީއެލްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންޑިއާގެ ޓުޓިކޮރިން ކުޅުދުފުއްޓަށް ދާއިމީ ގޮތެއްގައި ދަތުރުތައް ހަމަޖައްސަން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން، މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެމްޕީއެލް އިން ވަނީ ކުޅުދުއްފުށި ވިޔަފާރިވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި އުތުރުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމައި، މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް އޮތް އިންތިޒާމްތައް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދީ، ވިޔަރާފިވެރިންގެ ހިޔާލު ހޯދައިފަ އެވެ.
އެމްޕީއެލް މެދުވެރިވެގެން، މިދިޔަ އަހަރު ޓުޓިކޮރިން އިން ހިތަދޫ ޕޯޓަށް ދާއިމީކޮށް މުދާ ގެނެވޭނެ އިންތިޒާމްތައް ވަނީ ރާވައިފައެވެ. އެންމެ ފުރަތަމަ މަހަކު އެއް ދަތުރު ޝެޑިއުލް ކުރި ނަމަވެސް، މިހާރު މަހެއްގެ ކުރާ ދަތުރުގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ.