ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ 91 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެެވެ.
އެމްޓީސީސީން ބުނި ގޮތުގައި ބޮޑުތަކުރުފާނު މަގުގެ ކެރީޖްވޭގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި ސަބް ގްރޭޑްގެ މަސައްކަތް ނިމި، އޭބީސީގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އާ ޑްރެއިނޭޖް ސިސްޓަމާއި ސާވިސް ލައިން އިންސްޓޯލްމަންޓްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފަ އެވެ. އަދި ސައިޑްވޯކް ހެދުމުގެ މަސައްކަތުގެ 87% ވަނީ ނިމިފަ އެވެ.
144 މިލިއަން ރުފިޔާއަށް ހިންގާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރެވޭއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްގީކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. މި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދެވިފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.