ކުރިއަށް އޮތް ތިން އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްގެންދަވާނެ ތިން އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ޕަބްލިކް ސާވިސް މީޑިޔާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ.
ނައިބް ރައީސް ވިދާޅުވީ، ސަރުކާރާއި ދައުލަތް ހިންގެވުމާއި ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތާއި ގައުމުގެ ހާލަތު އޮތް ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ވެރިކަމުގެ ފުރަތަމަ ދެތިން މަހުގެ ތެރޭގައި، އޭރު އޮތް ރައްޔިތުން މަޖިލިހުގެ މެޖޯރިޓީ އޮތީ އިދިކޮޅަށް ކަމަށްވުމުން، ސަރުކާރުން ހިންގަން ބޭނުންވި ތަރައްގީގެ ގިނަ މަޝްރޫއުތަކަށް މާލީ ދަތިކުރުންތައް ކުރިމަތިކުރުވިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، ގާނޫނީ ގޮތުން އިންތިހާބުވެފައިވާ ސަރުކާރެއް މަޖިލިހުގެ ތެރެއިން ވައްޓާލުމަށްވެސް މަސައްކަތްކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ގޮންޖެހުންތަކާއި ކުރިމަތިލައްވައި، ދައުލަތް ހިންގުމަށް އޮތް ހިރާސްތައް ގިރާކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކުރެއްވި ދުރުވިސްނުންފުޅު ފާހަގަކުރައްވައި، އެމަނިކްފާނު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރަކީ ރައީސްގެ ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ގައުމީ ތަރަައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގޭނޭ ތިން އަހަރުކަމަށެވެ.
އެމަނިކްފާނުގެ ބަސްދީގަތުން ނިންމަވާލެއްވީ، ރައީސްގެ ވެރިކަމުގައި ދިވެހީންނަށް ފާގަތި މުސްތަގްބަލެއް އޮތްކަމުގެ ޔަގީންކަން ދެއްވަމުންނެވެ.