އުންމަތެއް ނުވަތަ ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން: ފަސްޓްލޭޑީ

445123_354c6c14-b_

އުންމަތެއް ނުވަތަ ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން: ފަސްޓްލޭޑީ

SHARE

އަންހެނުންނަކީ އުންމަތެއް ނުވަތަ ގައުމެއް ދިރިގެން އައުމުގެ އަސްލުކަމަށާއި، އަންހެނުންނަށް ފުރިހަމަ ގަދަރާއި އިހްތިރާމް ދޭންޖެހޭކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ، އަންހެނުންގެ ކުރިއެރުމާއި އަންހެނުން ބާރުވެރިކުރުވުމުގެ މައުލޫގައި މުސްލިމުން އެންމެ ފުރަތަމަ ހަނދާނަށް ގެންނަންޖެހޭނެ ކަމަކީ މާތްވެގެންވާ އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަތިވެރި މަގާމުކަމަށެވެ. އަދި އެއްވެސް ކަމެއްގައި އަންހެނަކަށްވީތީ ނިކަމެތިކަމެއް ބޭއިންސާފެއް، މާތްވެގެންވާ އިސްލާމްދީނުގައި ލައްވާފައި ނެތްކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ކޮންމެ އިންސާނެއްގެވެސް ފުރަތަމަ މުދައްރިސް، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާ އަކީ މައިމީހާކަން ހަނދުމަކޮށްދެއްވާ އެކަމަނާ ވަނީ، ގައުމަށް އެކި ރޮނގުރޮނގުން ހިދުމަތްކުރާ މީހުން ބިނާކުރުމުގައި މައިން ވާ ގުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި، ދޭ ލޯތްބާއި، ދައްކާ ނަމޫނާގެ މައްޗަށް ވާހަކަފުޅުދައްކަވާފަ އެވެ. އަދި، އަންހެނުން، ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް، މައިވަންތަކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭކަން ފާހަގަކުރައްވައި، އަންހެނުން އެކި ރޮނގުރޮނގުން ކުރިއަރައިދަނީ އެ ޒިންމާތަކާ އެކުގައިކަމަށް އެކަމަނާ ވިދާޅުވި އެވެ.

ރެހެންދި އެވޯޑަކީ، ގައުމީ ހިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކޮށް، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި، އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ދެއްވާ ހާއްސަ އެވޯޑެކެވެ.