އަލީ ހަމީދަށް އެޑްވާންސް ދީގެން އާސަންދަ އަށް 40 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް!

404342_3_7a58dde1809f2dbd638ba3ce3e4b78b4f8319d7a_large

އަލީ ހަމީދަށް އެޑްވާންސް ދީގެން އާސަންދަ އަށް 40 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް!

SHARE

ހަ ބުރީގެ ހޮސްޕިޓަލެއްގެ އެޑްވާންސް ފައިސާގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުންޏަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު 44 މިލިއަން ރުފިޔާ ދިނުމުން އާސަންދަ ކުންފުންޏަށް 40 މިލިއަން ރުފިޔާގެ ގެއްލުމެއް ވެއްޖެ އެވެ.

މިކަން ހާމަވީ އޮޑިޓަރ ޖެނެރަލް އޮފީހުން އާންމު ކޮށްފައިވާ ހިސާބުތަކުންނެވެ. އާސަންދަ ކުންފުނީގެ ފައިނޭންޝަލް ސްޓޭޓްމެންޓުން ވަނީ އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 2016 ވަނަ އަހަރު ދޫކުރި އެޑްވާންސް ފައިސާ އުނިކޮށްފަ އެވެ. އެހެންވެ، ހިސާބުތަކުން އެނގޭ ގޮތުގައި އާސަންދަ ކުންފުންޏަށް މިދިޔަ އަހަރު ވަނީ 470 ޕަސެންޓުގެ ގެއްލުމެއް ވެފަ އެވެ. އާސަންދަ ކުންފުނީގެ 2023 ވަނަ އަހަރުގެ ފައިދާއަކީ ހަތް މިލިއަން ރުފިޔާ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަޑުޖައްސާލާފައި އޮތް އެ ޕްރޮޖެއްޓަށް ގެއްލުމުގެ ބަދަލެއްގެ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ޖެނުއަރީ 23، 2023 ގައި ވަނީ އިތުރު 44 މިލިއަން ރުފިޔާ ދީފަ އެވެ. އެ ބަދަލު ދިނީ ރައީސް އޮފީހާއި އާސަންދަ ކުންފުންޏާއި އިކޮނޮމިކް ކައުންސިލްގައި ވެސް މަޝްވަރާ ކޮށްފަ އެވެ.

އެހެންވެ، އަލީ ހަމީދުގެ ކުންފުނިން ހޮސްޕިޓަލް ހިންގުމުގެ ޕްރޮޖެކްޓަށް 88 މިލިއަން ރުފިޔާ ނެގި އެވެ. އެއީ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދިނުމަށް ފަހު، ހުޅުމާލޭގައި 10 ބުރީގެ ހޮސްޕިޓަލެއް އެޅުމަށް މޭ 7، 2023 ގަ އެވެ. އެ ޕްރޮޖެކްޓްގެ ފައިނަލް ކުރެހުން އެޗްޑީސީން އެފްރޫވް ކޮށް، އިމާރާތް އެޅުމަށްޓަކައި ބިން ނުރަސްމީކޮށް ހަވާލުކުރި ނަމަވެސް، އޭގެ މަސައްކަތްތަކެއް ކުރިއަކަށް ނުދެ އެވެ.

އަލީ ހަމީދުގެ ކުންފުންޏަށް އެޑްވާންސަށް ދޫކުރި ފައިސާގެ އަދަދު އާސަންދަ ކުންފުނީގެ ހިސާބުތަކުން އުނިކުރި ނަމަވެސް، އެ ފައިސާ ކޯޓުތަކަށް ގޮސް ހޯދުމުގެ ފުރުސަތު އާސަންދަ އަށް އޮންނާނެ އެވެ. އެޑްވާންސް ފައިސާގެ ގޮތުގައި އެއްވެސް މަސައްކަތެއް ނުކުުރާ އިރު، އެ ހޮސްޕިޓަލްގެ އަމަލީ އެއްވެސް މަސައްކަތެއް އަލީ ހަމީދުގެ ކުންފުނިން ކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ވެސް މިދިޔަ އަހަރު ފެންމަތި ކޮށްފައިވެ އެވެ.