ހުޅުމާލޭ ފޭސް ދޭއްގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީ (އޮޅު ހިޔާ)ގެ ޝެލްޓަރ ބައި އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 12 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހަމަވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަތުން އިތުރުކުރެވޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އޮޅުހިޔާއަކީ ހުޅުމާލޭ ފޭސް 2 ގައި ބުޅާތައް ބެލެހެއްޓުމާއި ބުޅާތަކަށް ފަރުވާދިނުމަށް ޚާއްސަކޮށްގެން ގާއިމުކޮށްފައިވާ މަރުކަޒެކެވެ. މި މަރުކަޒުގެ ޝެލްޓަރ ބައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު މައުލޫމާތު ސާފުކުރެވޭނީ 3339282 އަދި 3339279 ނަންބަރު ފޯނުން ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
އޮޅުހިޔާގެ މަސައްކަތް ނިންމާ ހުޅުވީ މިއަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް އަދިވެސް އެތަނުގައި ބަލަހައްޓަމުންދާ ބުޅާތަކުގެ އަދަދު 50 އަށް ނާރައެވެ. ފެސިލިޓީއަށް ބުޅާ ގެންދިއުން ލަސްވަމުން ދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.