އަގުހެޔޮ ފްލެޓު އަަޅަން ބިން ދިނީ ހިލޭ: މުއްތަލިބް

G5oBe2KbEAAyy78

އަގުހެޔޮ ފްލެޓު އަަޅަން ބިން ދިނީ ހިލޭ: މުއްތަލިބް

SHARE

މަރުކަޒީ ބޭންކް، އެމްއެމްއޭގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން އަޅާ ފްލެޓް ބީއެމްއެލްއަށް ބިން ދިނީ ހިލޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، އެ ބިންތައް ހަވާލުކުރުމަށް ބީއެމްއެލްގެ ހެޑް އޮފީހުގައި ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެވެ. މިނިސްޓަރު ވިދާޅުވީ، މިއަދަކީ ދިވެހިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ހައްލުކުރުމަށް ގައުމީ ބޭންކުން ސަރުކާރާ އެކު، އަތުގުޅާލައި މަސައްކަތް ފެށި ދުުވަސް ކަމަށެވެ. އަދި ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 2،700 ފްލެޓާ އެކު، ޖުމްލަ 3،000 ފްލެޓް އަޅާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން، ބީއެމްއެލް އިން އަޅާ ފްލެޓްތައް ދޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލައިގެން ހޮވޭ މީހުންނަށް ކަމަށާއި އެ މީހުންނަކީ ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ މީހުންނަށް ވެސް ވާން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި، ބީއެމްއެލް އިން އެ 3،000 ފްލެޓްގެ މަސައްކަތް ކުރާނީ އެ މަޝްރޫއަށް ހާއްސަކޮށްގެން އުފައްދާފައިވާ އެ ބޭންކުގެ ފުރިހަމަ ހިއްސާ އޮންނަ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް"ގެ ދަށުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފުކުރަން ނިންމައި އެކަމާ ބެހޭ އުސޫލު އެމްއެމްއޭ އިން މިދިޔަ މަހު ވަނީ އާންމުކޮށްފަ އެވެ. އަދި ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ކަނޑައަޅަންވާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.