"ވާނުވާ ބަންދު" ނިމުމަކަށް ގެނައުމަށް، ކޯޓު މަރުހަލާގެ ތެރެއިން ނިންމަން ޖެހިފައި ހުރި މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މިއަދު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ޖުޑީޝަރީގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކޮށްދެއްވުމަށް އެމަނިކުފާނު ވައުދުފުޅު ވެވަޑައިގެންނެވި ކަމަށެވެ. އަދި މި ވައުދު ފުއްދެވުމުގެ ގޮތުން ޖުޑީޝަރީގެ ބަޖެޓު މިހާރު ވަކިކުރެވި ސެކްޓޯރަލް ގްރާންޓަކަށް ބަދަލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، "ވާނުވާ ބަންދު"ގެ މައްސަލައަށް ނިމުން ގެނެސްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު، ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރި ކަމަށާ، ސަރުކާރުން މިހާރުވެސް މި ރޮނގުން މަސައްކަތްތައް ކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ "އެ ގޮތަށް ވާނުވާގައި މީހުން ތިބެގެން ނުވާނެ" ކަމަށާއި އެ މީހުންގެ ވެސް ހައްގުތަކެއް ހުންނާނެ ކަމަށެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުގެ އިމާރާތް ހުޅުވި ހިދުމަތް ދޭން ފަށާފައިވާއިރު، ޑްރަގް ކޯޓަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާނެ އެވެ. އަދި މިއިން ކޮންމެ ކަމެއްގެ ބޭނުމަކީ، މައްސަލަތައް އަވަހަށް ކޯޓަށް ވައްދާ، ޝަރީއަތްތައް އަވަހަށް ކުރިއަށް ގެންގޮސް ނިންމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ވެރިކަމުގެ ނިޒާމަކަށް ވާއިރު، މި ނިޒާމު ރާއްޖޭގައި އޮންނަތާ 57 އަހަރު ފުރުން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް މުހިންމު ވާނީ ރައްޔިތުންގެ ހައްގުތައް އަދާވެގެން ދިއުންކަމުގަ އެވެ.