މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކޮންގް ޝިއަން ހުއާ ދެއްވައިފި އެވެ.
ސަފީރު ކޮންގް މިކަމުގެ ޔަގީންކަން ދެއްވީ، ތިމާވެށި ރައްކާތެރިކުރުމަށް ބޭނުންވާ ތިމާވެށްޓާ ރައްޓެހި ހަކަތައާއި، ކަނޑުތައް ރައްކާތެރިކުރުމާއި، ތިމާވެށްޓާ ރައްޓެހި އިންފްރާސްޓްރަކްޗާގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގަ އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަފީރު ފާާހަގަކުރެއްވީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ 20 ވަނަ ސެންޓްރަލް ކޮމިޓީގެ ހަތަރުވަނަ ޕްލެނަރީ ސެޝަނަށް ފަހު، ޗައިނާއިން އެ ކަންކަމަށް ބޮޑު އިސްކަމެއް ދީފައި ކަމެވެ. އަދި، އިޔާދަކުރަނިވި ހަކަތަ އުފެއްދުމާއި ޖަންގަލިތައް ތަގައްޔަރުވުން ކޮންޓްރޯލްކުރުމުގައި ޗައިނާ ކުރިއަރައިގެން ދިއުމުގެ ސަބަބުންް، ޗައިނާ އޮތީ ތިމާވެށީގެ ދާއިރާއިން ދުނިޔޭގެ އެންމެ ކުރީގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ސަފީރު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި އިރުގެ ހަކަތަ އުފެއްދުމުގެ މަޝްރޫއުތަކުގައި ޗައިނާގެ ކުންފުނިތަކުން ދަނީ ބައިވެރިވަމުން ކަމަށާއި، މި މަޝްރޫއުތަކުގެ މަގްސަދަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން އިޝްތިހާރުކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުން ކަމަށެވެ. މި ޕާޓްނާޝިޕްގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީއަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމަށްވެސް ސަފީރު ކޮންގް ޝިއަން ހުއާ ވިދާޅުވިއެވެ.