ސަރުކާރުން މިއަދު މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުން މަސައްކަތް ކުރަމުންދާ ވަރަކަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އެކި ދާއިރާތަކުން 206 މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ.
ރާއްޖޭގެ އިގްތިސޯދު މިހާރު އޮތީ "ވަރަށް ރަނގަޅު މިސްރާބަކަށް ގެންދެވިފަ"ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު ހުރި ގޮންޖެހުންތަކުން އަރައިގަނެވުނީ އެކި ފަރާތްތަކުގެ އެއްބާރުލުމާއި އެކު ކަމަށެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ސަރުކާރާއި މެދު ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގެ އިތުބާރު ނެތް ނަމަ އެކަން ނުކުރެވުނީ ހެވެ.
113 ރަށެއްގައި 206 މަޝްރޫއުއެއް ހިންގުމަށް މިއަދު 53 ކުންފުންޏަކާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއީ އެއް ދުވަހެއްގައި މިހާ ގިނަ މަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކަކާ ހަވާލުކުރެވުނު ދުވަސް ކަމަށެވެ. މީގެ ނަތީޖާއަކަށް ވެގެންދާނީ ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސޯދު ފުޅާވެ، އިމާރާތްކުރުމުގެ ދާއިރާއަށް ކުރިއަރައިގެން ދިއުމެވެ. އެމަނިކުފާނު ވަނީ އެ ކުންފުނިތަކަށް ގަވާއިދުން ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
" އެއްވެސް ކަހަލަ ޕޭމެންޓުގެ، ފައިސާ ލިބުމުގެ ތާށިކަމެއް ނާންނާނެ މަޝްރޫއުތަކެއްގައި ސޮއިކުރެވިގެންމިދިޔައީ. އާއްމުކޮށް ސަރުކާރު ތެރެއިން ދައިސާ ދޫކުރުމުގައި އެ އަންނަ ޑިލޭތަކެއް އެއްވެސް ވަރަކަށް ނާންނާނެ" ރައީސް ޔަގީންކަން ދެއްވި އެވެ.
އެމަނިކުފާނު ވަނީ ސަރުކާރާ އެކު މިއަދު ވެވުނު އެއްބަސްވުންތަކާއި އެއްގޮތަށް މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި މިއީ ވަރަށް ބާރު ދުވެލީގައި "އެފީޝިއެންޓް" ކޮށް ހިންގޭނެ މަޝްރޫއުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.