ދައުލަތުގެ ހަރަދު 20 އިންސައްތަ ދަށްވެ، އާމްދަނީ އިތުރުވެއްޖެ

ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ހަރަދު 20 އިންސައްތަ ދަށްވެ، އާމްދަނީ އިތުރުވެއްޖެ

SHARE

މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރި ހަރަދު 20 އިންސައްތަ ދަށްވެ، އާމްދަނީ ފަސް އިންސައްތައިން އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ، 15 މެއިގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ހަރަދުކުރި މިންވަރު އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް އާންމުކޮށްފައެވެ. އެ ރިޕޯޓްގައިވާގޮތުން، ދައުލަތުން ކޮށްފައިވާ ޖުމުލަ ހަރަދު ވަނީ، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 20.3 އިންސައްތައިން ދަށްވެފައެވެ. އެގޮތުން، 15 މެއިގެ ނިޔަލަށް 12.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުކޮށްފައިވަނީ 16.2 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ބަޖެޓުން މިމުއްދަތުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވާ މިންވަރަށްވުރެ 4.5 އިންސައްތަ ދަށް އަދަދެކެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާ ޖުމުލަ އަދަދުގެ ތެރެއިން 59.2 އިންސައްތައަކީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ހަރަދުތަކެވެ. އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ހަރަދު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 71.7 އިންސައްތައިން ދަށްވެ، އިދާރީ ހިންގުމުގެ ހަރަދުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ރެކޯޑުކޮށްފައިވަނީ 7.0 ބިލިއަން ރުފިޔާއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އިދާރީ ހިންގުމާ ގުޅޭ މަސައްކަތްތަކަށް ހިނގާފައިވާ ހަރަދަށްވުރެ 10 އިންސައްތަ ދަށް އަދަދެކެވެ.

ސަރުކާރުންދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީޒްއަށް މިއަހަރުގެ ތެރޭގައި ކޮށްފައިވާ ހަރަދު ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 4.9 އިންސައްތައިން ދަށްވެފައެވެ. މީގެއިތުރުން މިއަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ ދައުލަތުގެ ޖުމުލަ ހަރަދުގެ 8.5 އިންސައްތައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 14.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 5.5 އިންސައްތަ އިތުރު އަދަދެކެވެ. އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 11.2 ބިލިއަން ރުފިޔާއެވެ. އެއާއެކު، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.8 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 36.3 އިންސައްތަ، 15 މެއިގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 26.3 އިންސައްތައެވެ.

ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ