ސ. އަތޮޅު ސްކޫލުގައި އޮފީސް އިމާރާތެއް އެޅުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ކުރެއްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ހުޅުމީދޫގައި ހުންނަ އެ ސްކޫލުގައި އޮފީސް އިމާރާތެއް އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު މުހައްމަދެވެ.އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން 6630 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް ބިނާކުރާނެ އެވެ. ކޮންމެ ފަންގިފިލާއެއްގައި 3315 އަކަފޫޓު ހުންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި މަޝްރޫއުއަކީ 8.09 މިލިއަން ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުއާއެކު ސްކޫލްގެ އިދާރީ މަސައްކަތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.