އައްޑޫގެ ހުޅުދޫ، މީދޫ އަދި ހިތަދޫ ގުޅާލައި ބުރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އައްޑޫއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުޅުދޫ އަދި މީދޫއަށް ވަޑައިގެން އެ ދެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ރައީސްގެ ވާހަކަފުޅުގައި އެ މަޝްރޫއުގެ ފުރިހަމަ ޑިޒައިނެއް ހެދުމަށް ޗައިނާގެ ޕާޓީއަކާއި ހަވާލުކުރެވިފައިވާކަން ފާހަކރެއްވި އެވެ، އަދި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުންކަމަށް ވިދާޅުވި އެވެ. ހަ މަސް ދުވަހުގެ ތެރޭގައި ތިން ގޮތަކަށް ޑިޒައިން ހުށަހެޅުމަށް ސަރުކާރުން އެ މަސައްކަތް ހަވާލުކުރީ 1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ނެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ރަނގަޅަށް އެފަދަ މަސައްކަތްތައް ކުރާ އެއް ކުންފުނިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް ނިންމައި އަންނަ އަހަރުގެ މާޗު – އެޕްރީލް ހިސާބުގައި ސަރުކާރަށް އެ ޑިޒައިންތައް ކުންފުނިން ހުށަހަޅާނެ ކަމަށެވެ. އަދި އެ ލިޔުންތައް ލިބުމުން އެއް ޑިޒައިނެއް ހުތިޔާރުކޮށް، އެއްބަސްވުން ހަދައި އަންނަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
އެ ރަށުގައި މިއަދު އަމަލީ މަސައްކަތް ފެށި ބައެއް މަޝްރޫއުތަކާ ގުޅިގެން ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން، މަގުހެދުމާއި ކުނި މެނޭޖުކުރުމުގެ ބޮޑު މައްސަލައަށް ހައްލެއް ގެނައުމާއި ކުޅިވަރުގެ ދާއިރާއިން ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ހިނގަމުންދާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.