ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ސިޗުއާން އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލް 1 އިން ސިޗުއާން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ މި ރަސްމިއްޔާތުގަ ސިޗުއާން އެއާލައިންސް އިން ޗެކިން ކައުންޓަރުތައް ހުޅުވައި އެ ފްލައިޓުން ދަތުރުކުރި 142 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ މަތިންދާބޯޓު، 3U3923 އިން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ސިޗުއާން އެއާލައިންސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 19 ވަނަ އެއާލައިނެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.