މުސާރަ އެއްހަމަކުރުމާ މެދު ކަންބޮޑުނުވުމަށް ރައީސް އެދިވަޑައިގެންފި

440856_7bc48e05-0_

މުސާރަ އެއްހަމަކުރުމާ މެދު ކަންބޮޑުނުވުމަށް ރައީސް އެދިވަޑައިގެންފި

SHARE

މުސާރަ އެއްހަމަކުރެވިގެން ދިޔަދިއުމާ މެދު ކަންބޮޑުވުމެއް ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގަތީ، ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުން ނެވެ.

ހިނގަމުން މިދާ 2025 ވަނަ އަހަރަށް ކަނޑައެޅުއްވި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ، މި މަހުގެ 1 އިން ފަށައިގެން އެއްހަމަކޯށްފައިވާކަން ފާހަގަކުރައްޗަމުން ރައީސް ވިދާޅުވީ އެ ނިންމެވުން ނިންމެވީ، ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށެވެ. އަދި މުވައްޒަފުންގެ މުސާރަ ބޮޑުކުރެވުނީ ކުރިއަށް އޮތް ތަނުގައި، ހަގީގީ މާނާގައި އެކަމުގެ ފައިދާވާނެ ގޮތަށްކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް ވަނީ، ވަކިވަކި ދާއިރާތަކުގައި ހުރި މިފަދަ ކަންބޮޑުވުންތައް، ޕޭ ކޮމިޝަނާ މަޝްވަރާކޮށްގެން މުވައްޒަފުންނަށް ތަފްސީލުކޮށްދިނުމަށް އިދާރާތަކުގެ އިސްވެރީންނަށް ގޮވާލައްވާފައެވެ. ހަމަމިއާއެކު ކުރިމަތިވެދާނެ ހާއްސަ ހާލަތްތަކުގައި ވަކިކަހަލަ ނިންމުންތަކެއް ނިންމެވުމުގެ ބާރު ޕޭ ކޮމިޝަނަށް ލިބިފައި އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއީ ރައްޔިތުންގެ ސަރުކާރެކެވެ. އެހެންވެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންނަށް އެކަމެއްގައި ހެޔޮގޮތް އޮންނާނެ ބީދައިންކަން ކަން އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.

މި މަހުން ފެށިގެން 20000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ބާކީ ހުރި ދާއިރާތަކުގެ މުވައްޒަފުންނަށްވެސް އަންނަ އަހަރުގެ ތެރޭގައި އެކަން ހަމަޖެހޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މުސާރަ އެއްހަމަކުރެވި، އެންމެ ދަށް އަސާސީ މުސާރައިގެ ގޮތުގައި 7000 ރުފިޔާ ކަނޑައަޅާފައިވާއިރު، އެކަމުގެ ސަބަބުން މުވައްޒަފުގެ ޕެންޝަން ފަންޑަށްވެސް ހެޔޮ ބަދަލު އަންނާނެކަން ރައީސް ފާހަގަކުރެއްވި އެވެ.