ރާއްޖޭގެ 37 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، ނޮވެމްބަރު 3ގެ ހަނދާނީ ބިނާގައި ދިދަޖަހައި ގާޑު މައުންޓްކޮށްފި އެވެ.
ސިފައިންގެ މައި މަރުކަޒުގެ ހުޅަނގު ދެކުނު ފަރާތުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ވަނީ 2012 ވަނަ އަހަރު ގާއިމުކުރެވުނު އެ ހަނދާނީ ބިނާގައި 8 ދިދަ ޖަހައި ގާޑު މައުންޓުކޮށްފަ އެވެ. އެއަށްފަހު ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ގައުމީ ބަތަލުންގެ ހަނދާނުގައި ހަތް ބަޑީގެ ސަލާމެއް އަރުވައި، ހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެ އެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހި ޚާއިނުންތަކެއް ބޭރުގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ދިން އުދުވާނީ ހަމަލާއިން ދިވެހި ސިފައިން ގައުމު ސަލާމަތްކުރި ތާރީހީ ދުވަހެވެ.