ސިއްހީ ދާއިރާއަށް 2026 ވަނަ އަހަރުގެ ބަޖެޓުން ބޮޑު ހިއްސާއެއް

img_md_202503230333011742725981.7266

ސިއްހީ ދާއިރާއަށް 2026 ވަނަ އަހަރުގެ ބަޖެޓުން ބޮޑު ހިއްސާއެއް

SHARE

އަންނަ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ސިއްހީ ދާއިރާއަށް ދީ، އެދާއިރާއަށް އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހާއްސަކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި ބަަޔާންކޮށްފަައިވާ ގޮތުން ސިއްހަތުގެ ދާއިރާއަށް 8،819،618،138 (އަށް ބިލިއަން އަށްސަތޭކަ ނަވާރަ މިލިއަން ހަލައްކަ އަށާރަހާސް ސަތޭކަ ތިރީސްއަށް) ރުފިޔާ ވަނީ ހާއްސަކޮށްފަ އެވެ.

މީގެތެރެއިން، ބޭސްފަރުވާގެ އެހީއާއި ސިއްހީ އާލާތްތައް ހޯދުމަށް 1.15 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު، ސިއްހީ ދާއިރާގެ ދިރާސާތަކަށް 15 މިލިއަން ރުފިޔާ ހާއްސަކުރެވިފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް ހާއްސަކޮށްފައިވާ ނުވަ ބިލިއަނެއްހައި ރުފިޔާގެ ތެރެއިން ސިއްހީ ދާއިރާއަށް ހާއްސަކޮށްފައިވަނީ 917.7 މިލިއަން ރުފިޔާއެވެ. 2025 ވަނަ އަހަރު ޕީއެސްއައިޕީ ބަޖެޓުން ސިއްހީ ދާއިރާއަށް ހާއްސަކުރީ 466.9 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރު ސިއްހީ ދާއިރާއަށް ކަނޑައެޅި ޕީއެސްއައިޕީ ބަޖެޓުވަނީ 96.6 އިންސައްތައިން އިތުރުވެފައެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާއި ރިހެބިލިޓޭޝަން ހިދުމަތްތަކަށް 102 މިލިއަން ރުފިޔާ ބަޖެޓްކުރެވިފައިވެ އެވެ.

ރަށްރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، އެކި ސަރަޙައްދުތަކުގައި ހުރި ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ އިތުރުން، އައު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ބިނާކުރުމަށާއި އެ ދާއިރާއަށް ބޭނުންވާ މުވައްޒަފުން އިތުރުކުރުމަށްވެސް ބަޖެޓުގައި ބޮޑު އިންސައްތައެއް އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން ފާހަގަކުރައްވާފަ އެވެ.

ހިނގަމުންދާ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނެ ދާއިރާއަކީ ސިއްހީ ދާއިރާއެވެ. އެ ދާއިރާ ފިޔަވައި ދެން އެންމެ ބޮޑު އިސްކަމެއް ދޭ ދާއިރާއެއްގެ ގޮތުގައި ބަޖެޓުގައި އޮތީ ތައުލީމީ ދާއިރާ އެވެ.