ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާއި އެކު މެކްރޯ ފިސްކަލް ސްޓެބިލިޓީ ގާއިމްކުރުމަށްޓަކައި ސަރުކާރުން ލަނޑުދަނޑިތަކެއް ކަނޑައަޅައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އަންނަ އަހަރަކީ ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، ނަގާފައިވާ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ އުފުލާ އަހަރު ކަމަށެވެ.
ޒަމީރު ވިދާޅުވީ އާންމު ދިވެހި ރައްޔިތުންނަށް އަދި އެކްސްޓާނަލް އޮބްޒާވަރުންގެ މެދުގައި ދިވެހިރާއްޖޭގެ މާލީ މުސްތަގްބަލާ މެދު ނުތަނަވަސްކަން އިހްސާސްވާނެ.ކަން ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ، ބަޖެޓު އެކުލަވާލުމުގައި އެކަމަށް މިނިސްޓްރީން ވިސްނާފައިވާ ކަމަށެވެ.
މިނިސްޓަރު ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރާނެ ގޮތުގެ އޮޕަރޭޝަނަލް އަމާޒުތަކެއް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
ސަރުކާރުގެ އޮޕަރޭޝަނަލް އަމާޒުތައް
- ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 32 ޕަސެންޓްއަށްވުރެ ދަށްނުވާނެ މިންވަރެއްގައި ހިފެހެއްޓުން
- ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ލިބޭ އާމްދަނީން ހަމަޖައްސައި، ދައުލަތުގެ ސީދާ ދަރަނި މެދުރާސްތާގައި ދަށަށްދާނެ މިސްރާބަކަށް ގެނައުން
- ޕީއެސްއައިޕީގެ ޚަރަދުގެ ޖުމުލަ ކަނޑައެޅުމުގައި ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 ޕަސެންޓްއަށްވުރެ ބޮޑުނުވާނެ މިންވަރެއްގައި ހިފެހެއްޓުން
- ބޭރުގެ ފަރާތްތަކުން ނަގާ އިންޓްރެސްޓް ޚަރަދު، އާމްދަނީގެ ނިސްބަތުން 5 ޕަސެންޓްގައި ހިފެހެއްޓުން.
- ދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުގައި ކަނޑައަޅައިފައިވާ ހަމަތަކާއި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތުން ގެރެންޓީ ދިނުން.
- ސަރުކާރުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުން.
- ސަރުކާރުން ރައްޔިތުންނަށް ވައުދުވެފައިވާ ގޮތަށް ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބަޖެޓުން ޖާގަ ހޯދުން.
- ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަމަށް ގެނެވުނު ކުރިއެރުން ދެމެހެއްޓުން.
- ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓިނިވިކަން އިޔާދަވާނެ ގޮތުގެ މަތިން މެކްރޮ-ފިސްކަލް ސްޓެބިލިޓީ ކަށަވަރުކުރުން.
- އޯވަރޯލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 ޕަސެންޓްއަށް ދަށްކުރުން
- ދައުލަތުގެ ސީދާ ދަރަނި 117 ޕަސެންޓްއަށް ކުޑަކުރުން
- ޕީއެސްއައިޕީ ޚަރަދު 7 ޕަސެންޓަށް ވުރެ މަތިނުވާނެހެން ކަނޑައެޅުން.
- ހިލޭ އެހީ ނުހިމަނައި ދައުލަތުގެ އާމްދަނީގެ ނިސްބަތުން އިންޓްރެސްޓް ޚަރަދު 12 ޕަސެންޓްއަށްވުރެ މަތިނުވާނެހެން ހިފެހެއްޓުން.
- 2028 ގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ގެރެންޓީދީފައިވާ ދަރަނި 10 ޕަސެންޓްއަށް ކުޑަކުރުން.