ވަގުފްގެ ދާއިރާއަށް އިންވެސްޓުކުރަން ބީއެމްއެލް އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

G4fDryxWcAAekQR

ވަގުފްގެ ދާއިރާއަށް އިންވެސްޓުކުރަން ބީއެމްއެލް އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

SHARE

ވަގުފްގެ ދާއިރާއަށް އިންވެސްޓް ކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝަހީމް އަލީ ސައީދު ވިދާޅުވީ، ވަގުފު މަޝްރޫއުތައް ފެށުން ލަސްވެފައި ހުރީ ފައިސާ ހަމަނުޖެހުމުންކަމަށެވެ. އެހެންނަމަވެސް، އެކި ފަރާތްތަކުގެ އެހީއާއެކު މިފަދަ މަޝްރޫއުތައް ފެށުމުން އިތުރު މަޝްރޫއުތައް ކުރިއަށްގެންދިޔުމުގެ ފުރުސަތުތައް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން، ބޭންކާއެކު މިއަދު ސޮއިކުރި އެއްބަސްވުމާއެކު ވަގުފް މަޝްރޫއުތަކަށް އިސްލާމީ އުސޫލުގެ ދަށުން ފައިނޭންސިން ހަމަޖެހި މަސައްކަތް ކުރިއަށް ގެންދިއުމުގައި ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަގުފް މަޝްރޫއުތައް ނިމި މިކަމުގެ ނަފާ މުޅި ރާއްޖެއަށް ލިބިގެން ދިއުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނިންމާލަމުން މިނިސްޓަރު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން ވުޒާރާއާއި މެދު ބަހައްޓަވާ ގާތްކަމާއި މިނިސްޓްރީގެ ކަންކަމުގައި ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިިކަން ފާހަގަކޮށް ޝުކުރު ކުރި އެވެ.