ރާއްޖެއަށް ވަގަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަތަކެއްގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ޑެޕިއުޓީ ކޮމިޝަނަރުން މިއަދު ވަކިކޮށް، އިތުރު މުވައްޒަފުންތަކަކާ މެދު ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
މިގޮތަށް ރައީސް އެންގެވީ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިގިރޭޓް ކާޓޫނުތަކެއް ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ދިން ލަފާއަށް ރިއާޔަތްކުރެއްވުމަށްފަހު އެވެ.
އެއާއެކު ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން އަބްދު الله ވަހީދާއި މަހުމޫދު ރިޔާޒު ވަނީ މިއަދު މަގާމުން ވަކިކޮށްފަ އެވެ.
ކަސްޓަމްސްގެ ދެ ޑެޕިއިޓީ ކޮމިޝަނަރުން ވަކިކުރުމުގެ އިތުރުން އެމަނިކުފާނު ވަނީ ކަސްޓަމްސްގެ އިތުރު 3 މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށްވެސް އަންގަވާފަ އެވެ.
ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް 8،400 ސިނގިރޭޓު ކާޓަން ބާލައިގެން އެތެރެކުރި މައްސަލައެއް ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެކަމަކު ހޯކްސް އިން ވަނީ އެ ކުންފުންޏަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހު ނެރުނު ރިޕޯޓުގައި ވަނީ ކަސްޓަމްސްގެ އެތެރޭގެ އިހުމާލުތަކާއި ކޮރަޕްޝަން ފާހަގަކޮށް، އެކަންކަން އިސްލާހުކުރުމަށް އަންގާފަ އެވެ.