މޯލްޑިވްސް ޕޯޓްސް ލިިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކުރާ “މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް”ގެ ދެވަނަ އެޑިޝަން އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރެންްސްއަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަަރުންނާއި ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ކޮންފަރެންސްއެކެވެ. އެމްޕީއެލް އެންމެ ފުރަތަމަ މި ކޮންފަރެންސް އިންތިޒާމްކުރީ 2024 ވަނަ އަހަރެވެ. އެ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ދެވަނަ އެޑިޝަންގެ މައިގަނޑު ތީމަކީ “ސެކިއުރިޓީ، ސޭފްޓީ އެންޑް ސަސްޓޭނަބިލިޓީ” އެވެ.
މި ކޮންފަރެންސްގެ ދެވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. މި ފަހަރުގެ ކޮންފަރެންސްގައިވެސް މެރިޓައިމް ދާއިރާއިން ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ ތަޖުރިބާކާރުންނާއި ރާއްޖޭގެ ތަޖުރިބާކާރުން ސްޕީކަަރުންގެ ގޮތުގައި ބައިވެރިވާނެ އެވެ.
މި ކޮންފަރެންސް ސްޕޮންސާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ އިދާރާއިން މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. ސްޕޮންސާކުރުމަށް ނުވަތަ ޕާޓްނާއަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ldd@port.mv އަށް އީމެއިލްކުރެއްވުން ނުވަތަ 3039030 / 303 9031 އަށް ގުޅުމަށް އެމްޕީއެލް އިން ވަނީ އެދިފަ އެވެ.