ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑު މުއްދަތެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތްކުރައްވައިފި އެވެ.
ރައީސް މި ކާމިޔާބީ ހާސިލުކުރައްވާފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ 1 އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައިގެން ނެވެ.
ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެއަތޮޅުގެ 3 ރަށަކަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، ކ. ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާއެކު ދެ އަހަރު ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުރިހަމަވީ އެވެ.
ރައީސްގެ ސަރުކާރުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނު ވަނީ 187 ރަށަށާއި ސިޓީތަކަށް ވަޑައިގެންނެވި އެވެ. އެ މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް 2 ވަނަ ފަހަރަށްވެސް ޒިޔާރަތްކުރެއްވި އެވެ.
މި ދަތުރުފުޅުތަކުގައި ރަށްރަށުގަ ތަރައްގީގެ މަޝްރޫއުތައް ފަށައި އެއްބަސްވުންތަކުގައި ސޮއިކުރެވެ އެވެ. އެއާޕޯޓުތައް ތަރައްގީކުރުމާއި ފުލުހުންގެ މަރުކަޒުތައް ފަދަ އުމްރާނީ ތަރައްގީއަށް މުހިއްމު މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ދަނީ ފަށަމުން ނެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރާތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިއްމު ސިޔާސަތެ ކެވެ.