ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ބޭންކެއްގެ ފައިސާ ހުރި ސޫޓްކޭހެއް ފޭރުނު މައްސަލައިގަ ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު އާއްމުކޮށްފި އެވެ.
ހޯމަ ދުވަހުގެ ރޭ ފަތިހު 4:45 ހާއިރު ރިޕޯޓުކުރި މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ފައިސާ ހުރި ސޫޓްކޭސް ފޭރިގަތީ، ބޭންކުގެ ދެ މުވައްޒަފުން އެ ސޫޓްކޭހާއެކު އާ ޓާމިނަލަށް ވަންނަނިކޮށް ކަމަށެވެ. އަދި އެމީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.
ފޭރުމުގައި ބޭނުންކުރި ލޯންޗާއެކު އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްުޔަރުކޮށްފައިވާއިރު ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު އާއްމުކޮށްފަ އެވެ. އެއީ
- ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ)
- މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)،
- އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ)
- އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.