ކ. ކާށިދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
ސިއްހީ މަރުކަޒުގެ ބިންގާ އަޅާފައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެން ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ކާށިދޫ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކާށިދޫގެ ސިއްހީ މަރުކަޒު ނިމިގެންދާއިރު އެކްސްރޭ ހިދުމަތާއި ސްކޭނިން ހިދުމަތް ގާއިމް ވެގެންދާނެ ކަމަށެވެ. އަދި ފިޒިއޮތެރަޕީގެ ހިދުމަތް ވެސް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި މަޝްރޫއުގެ އިތުރުން ކާށިދޫގެ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފަ އެވެ. ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާން އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރެ އިބްރާހީމް ނަަޒީމެވެ.
އާރްޑީސީއާ ވަނީ، ކާށިދޫ މަގުހެދުމުގެ މަސައްކަތާއި ފުޑް ސެކިއުރިޓީ މަޝްރޫއުގެ ބިން ވެސް ވަނީ ހަވާލުކޮށްފަ އެވެ. އަދި ޕޮލިސް ސްޓޭޝަނާއި ފިޓްނަަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް ވަނީ އަޅާފަ އެވެ.
ރަށްރަށަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، އެ ރަށްރަށުގައި ހިންގަން ނިންމާފައިވާ މުހިއްމު ތަރައްގީގެ މަޝްރޫއުތައް އަންނަނީ ފަށަމުންނެވެ. އަދި ބައެއް މަޝްރޫއުތައް އެކި ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުންތަކުގައިވެސް އަންނަނީ ސޮއިކުރަމުންނެވެ.