ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭނޭ ބަޔަކު ހޯދުމަށް އަލުން އިއުލާނުކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން މިނިސްޓަރު އަމީން ވަނީ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ. މިނިސްޓަރު މަޖިލީހަށް ވަޑައިގެންނެވީ މިދިޔަ މާޗް މަހު ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނެ ކަމަށް އިއުލާނުކޮށްފައިވާތީ، އެ މަސައްކަތް ގޮސްފައިވާ ހިސާބަކާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވުމަށެވެ،
ރާއްޖޭގައި އެ ޚިދުމަތް ދިނުމަށްޓަކައި ސޭފްޓީ އެސެސްމެންޓެއް ހަދާފައިވާ ކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓުގައި ހުޅުވާލުމުން، 36 ކުންފުންޏަކުން ހުށަހެޅި ކަމަށެވެ. އެކަމަކު ސަރުކާރުގެ ޕްރޮޕޯޒަލްގައި ދައުލަތަށް ލިބޭ ފައިދާ މާ ބޮޑު ކަމަށް އެ ކުންފުނިތަކުން ފާހަގަކުރުމުން، އެ މަޝްވަރާތަކަށް ފަހު ސަރުކާރުން ނިންމީ އެ މަސައްކަތް ހުއްޓާލުމަށް ކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ބަދަލުތަކާއެކު ސަރުކާރުން އަނެއްކާވެސް އެ ޚިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއުލާނު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، މި އަހަރުގެ ފަހުކޮޅު، ޑިސެމްބަރުގެ ކުރިން ހުޅުވާލައި، އަހަރެއްގެ ތެރޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ތައާރަފް ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.