ޅ. ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅުގެ ކުރެންދޫއަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫއުގެ މަސައްކަތް ފައްޓަވާ ދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން، 36،363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 63 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާ އެކު 415 މީޓަރުގެ ސަަރަހައްދެއްގައި ބޭރުތޮށި ލާނެ އެވެ. އަދި 243 މީޓަރުގެ ދިގު ދެ މީޓަރުގެ ފުޅާ އާރްސީ ޖެޓީއެއް ހެދުމުގެ އިތުރުން 60 މީޓަރުގެ ދިގު ދެ މީޓަރުގެ ފުޅާ އާރްސީ ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރާނެ އެވެ.
މިއީ 53 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.