އަންނަ އަހަރުގެ ބަޖެޓުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭނެ: ރައީސް

437071_028a5315-2_

އަންނަ އަހަރުގެ ބަޖެޓުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭނެ: ރައީސް

SHARE

ބަޖެޓަކީ ކައުންސިލްތައް މެދުވެރިކޮށް އޯގާތެރިކަމާއެކު ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭ ބަޖެޓަކަށް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ޅ އަތޮޅާއި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ހިމަނައިގެން ސަރުކާރުން ބަޖެޓު ހުށަހަޅާނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން މިއަހަރު ސޮއިކުރެވި މަސައްކަތް ފެށިފައިވާ މަޝްރޫޢުތަކުގެ އިތުރަށް، ދެން ހުރި ވައުދުތައް ފުއްދެވުމަށް ފަހިވާ ގޮތަށް ކަމަށެވެ.

މީގެއިތުރުން، އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ބަހާނީ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ވަކިވަކި ރައްޔިތުންނަށް ބޭނުންވާ އެހީ، ރަށު ކައުންސިލްގެ ބަޖެޓުގެ ތެރެއިން ފޯރުކޮށްދޭން ލާޒިމުވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އަހަރަކީ ވަކިވަކި ރައްޔިތުންނަށް އެކަން އިޙްސާސްކުރެއްވޭނެ އަހަރަކަށް ވާނެ އެވެ.

އޮޅުވެލިފުށީގެ ތަރައްގީއާ ސީދާ ގޮތުން ގުޅިފައިވާ ކަންކަމާއި ގުޅިގެން އަލިއަޅުވާލައްވަމުން ރައީސް ވަނީ އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައަށް ބޭނުންވާ އެހީތެރިކަން ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، އަންނަ ރޯދަ މަހުގެ ކުރިން މި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ތައުލީމާއި ކުޅިވަރުގެ ދާއިރާއާއެކު، ހުރިހާ ދާއިރާއަކުންވެސް، ރަށަށް ބޭނުންވާ ތަރައްގީގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްގެންގޮސް ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ. .