މާލޭގައި ވަގުފު އިމާރާތް އަޅަން ހަވާލުކޮށްފި

WhatsApp-Image-2025-10-26-at-14.10.36_6187b0b0-1536x1023

މާލޭގައި ވަގުފު އިމާރާތް އަޅަން ހަވާލުކޮށްފި

SHARE

މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ "ދާރުލްއަރުގަމް އިމާރާތު"ގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާއި ހަވާލުކޮށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމެވެ.

12 ބުރިއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރެވޭ އިމާރާތެކެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. މީގެ އިތުރުން އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ގާއިމްކުރާއިރު އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެ އެވެ. އިމާރާތުގެ ރޫފްޓޮޕު ހަދަނީ އޯޕަން ޓެރަސްއެއްގެ ގޮތުގަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މި މަޝްރޫއު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާއެވެ. މި މަޝްރޫއު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ގަބޫލުކުރެ އެވެ. އެ އިމާރާތުން އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް މިނިސްޓްރީން ލަފާކުރާއިރު އާމްދަނީގެ 20 އިންސަައްތަ ޖަމާކުރާނީ ޒަކާތު ހައުސްއަށެވެ. ބާކީ 80 އިންސައްތަ އިސްލާމިކް ވަގުފް ފަންޑަށް ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް ރާއްޖޭގައި ވަގުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫއު އެކެވެ. ދާރުލްއަރުގަމްގެ އިތުރުން ހުޅުމާލޭގައި ވަގުފް އިމާރާތަކާއި، މާލޭގައި ކީރިތި ގުރުއާނަށް ހާއްސަ ވަގްފު އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.