"ގައުމު ބިނާކުރަނީ ވިސްނުމާއި ހިޔާލު ބޭނުންކޮށްގެން އަމިއްލަ ސަލާމަތް ހޯދަން"

436728_99cdc20b-9_

"ގައުމު ބިނާކުރަނީ ވިސްނުމާއި ހިޔާލު ބޭނުންކޮށްގެން އަމިއްލަ ސަލާމަތް ހޯދަން"

SHARE

ގައުމެއް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ، އެޤައުމެއްގެ ރައްޔިތުންގެ ވިސްނުމާއި ހުނަރު ބޭނުންކޮށްގެން އަމިއްލަ ސަލާމަތް ހޯދުމުގެ ގާބިލުކަން ލިބިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ކްލިކް ކޮލެޖްގެ ރިހިޔޫބީލް ފާހަގަކުރުމަށް، ރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ، ތަޢުލީމީ ނިޒާމުގައި ސިއްހަތު، އައު ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުންގެ ފިކުރީ އަދި ޢަމަލީ ގާބިލިއްޔަތު ކުރިއެރުވުމަށްކަމަށެވެ. އަދި އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ، އަހުލާގު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް އުފެއްދުމަކީ އުފާވެރި މުސްތަގުބަލެއް ހާސިލުކުރުމަށާއި، ގައުމަށް އުފެއްދުންތެރިކަމާއި ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި އެ ޖީލުގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން، އޭގެ ހުރިހާ މާނައެއްގައި ޔަގީންކުރެވޭނެކަން އެކަމަނާ ވިދާޅުވި އެވެ. ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ތައުލީމުގައި ވެސް އަދި ސަރުކާރުން ދެމުން ގެންދާ ތަޢުލީމުގައި ވެސް މި މުހިންމު އަސާސްތައް ދެމެހެއްޓިފައިވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކައިގައި ރާއްޖޭގެ ތަޢުލީމީ ތާރީހުއި އަމިއްލަ އެކި ފަރާތްތަކުގެ އިސްނެގުމާއި ޚިދުމަތް، މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވައި، ގައުމު ބިނާކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި ވިދާޅުވިއެވެ.އެ ވާހަކަ އެކަމަނާ ނިންމަވާލެއްވީ ދިވެހީންގެ ބަހާއި ސަޤާފަތާއި އާދަކާދަތަކަށް ކަމޭހިތާ، ޒަމާނަށް ލޯހުޅުވިފައިވާ، އުފެއްދުންތެރި، ނަޒާހަތްތެރި ޖީލެއް ބިނާވެގެން އައުމަށް އުއްމީދު އައުކުރައްވާ ކަމަށް ވިދާޅުވަމުން ނެވެ.