ފުޓުބޯޅަ އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ރާއްޖޭގައި ފުޓުބޯޅަ ފުޅާކުރުމަށް ފީފާއިން ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ފުޓުބޯޅަ އިތުރަށް ކުރިއެރުވުމަށް ހާއްސަ އަހައްމިއްޔަތެއް ދެއްވާނޭކަން ތަކުރާރުކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ، ފީފާގެ ރައީސް އާއެކު ހުކުރު ދުވަހު ބޭއްވި މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދެއްވާފައިވާނީ އެފްއޭއެމް އާއެކު ގުޅިގެން މަސައްކަތްކުރެވޭނެ ފުރުސަތުތަކުގެ މައްޗައްކަމަށެވެ. އަދި، ރާއްޖޭގައި ފުޓުބޯޅައަށް އޮތް މަގުބޫލުކަން އިތުރުކުރުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
އެފްއޭއެމް ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބޭއްވި ހާއްސް އެގްޒިބިޝަން މެޗެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އާއި، ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ބައިވެރިވެވަޑައިގެން، ދިވެހި ފުޓުބޯޅައިގެ ޑައިމަންޑް ޖުބިލީ ލޯގޯ ވަނީ އިފުތިތާހު ކޮށްދެއްވާފަ އެވެ.