ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރަން އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަން ޖެހި، ނުދައްކައި ތިބި ފަރާތްތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކައި ހަލާސްކުރަން އަންގާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދޭނެ ކަމަށް އިއުލާނުގައިވެ އެވެ. އެ ނޯޓިހާ އެކު، އެ ފަރާތްތަކުގެ މައުލޫމާތާއި ދައްކަން ޖެހޭ ފައިސާގެ ތަފްސީލުތައް ވެބްސައިޓްގައި ޝާއިއުކުރާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.
މީގެ ތެރޭގައި އެކި އެކިއެކި ސްކީމްތަކުން އެޗްޑީސީން ދޫކޮށްފައިވާ ފްލެޓްތައް ނުހިމެނެ އެވެ.
މިއީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުންޏެވެ.