މޯލްޑިވްސް ބްރޯޑްކާސްޓިން އެންޑް މީޑިއާ ކޮމިޝަނަށް ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ފަރުޝަތު އައްޔަނުކުރުމަށް މަޖިލީހުގެ ކޮމިޓީން މިއަދު ރުހުންދީފި އެވެ.
މީޑިއާ ކޮމިޝަނަށް މީޑިއާތަކުގެ ފަރާތުން އިންތިހާބުކުރާ 4 މެމްބަރުންނާއި މަޖިލީހުން އިއްޔެ ރުހުންދިން 3 މެމްބަރުން ވަނީ އެ ކޮމިޝަނަށް މިހާރު އައްޔަނުކޮށްފަ އެވެ. 7 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަންގެ ރައީސަކު އައްޔަނުކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވާފައިވަނީ އިއްޔެ އެވެ. އެއާއެކު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އެބޭފުުޅުންނާ މިއަދު އިންޓަވިއުކޮށްފަ އެވެ.
އެ ކޮމިޝަނުގެ ހުރިހާ މެމްބަރުންނާ އިންޓަވިއުކުރުމަށްފަހު، ބައްދަލުވުމަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން ފާސްވީ، މީގެކުރިން ސިވިލް ސާވިސްގެ މެމްބަރުކަން ވެސް ކުރެއްވި ފަރުޝަތަށެވެ. ފަރުޝަތަކީ އެ ކޮމިޝަނަށް މަޖިލީހުން ރުހުންދީގެން އައްޔަނުކުރި މެމްބަރެކެވެ.
ފަރުޝަތުގެ އިތުރުން ދެން އެ ކޮމިޝަންގައި ތިއްބަވާނީ ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގާއި ކުރީގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތާއިި ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ޒަމްއަތު ވަހީދާއި ވަގުތު ނޫހުގެ ނޫސްވެރިޔާ އަދި ރާއްޖެ ޓީވީ ކުރީގެ ސްޓޭޝަން އިންޗާޖު ސިމާހާ ނަސީމްގެ އިތުރުން އުވާލެވުނު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފާއި އަބްދުލްއަޒީޒް އިބްރާހިމެވެ.