މޯލްޑިވްސް ބްރޯޑްކާސްޓިން އެންޑް މީޑިއާ ކޮމިޝަނަށް ރައީސަކު އައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
މީޑިއާ ކޮމިޝަނަށް މީޑިއާތަކުގެ ފަރާތުން އިންތިހާބުކުރާ 4 މެމްބަރުންނާއި މަޖިލީހުން އިއްޔެ ރުހުންދިން 3 މެމްބަރުން ވަނީ މިހާރު އައްޔަނުކޮށްފަ އެވެ. 7 މެމްބަރުންގެ މައްޗަށް އެކުލަވާލެވޭ އެ ކޮމިޝަންގެ ރައީސްކަން ކުރައްވާނީ އޭގެތެރެއިން ކޮންމެވެސް އެއްބޭފުޅެކެވެ.
މީޑިއާ ކޮމިޝަނުގެ ރައީސް އައްޔަނުކުރާނީ މަޖިލީހުގެ ކޮމިޓީން އެބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު އަގުލަބިއްޔަތުން ކަނޑައަޅާ ފަރާތެކެވެ.
މީޑިއާތަކުގެ ފަރާތުން ކުރިމަތިލި މެމްބަރުންގެ އަދަދު މަދުވުމުން އިންތިހާބަކާ ނުލައި ހޮވުނު 4 މެމްބަރުންނަކީ ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ޒަމްއަތު ވަހީދާއި ވަގުތު ނޫހުގެ ނޫސްވެރިޔާ އަދި ރާއްޖެ ޓީވީ ކުރީގެ ސްޓޭޝަން އިންޗާޖު ސިމާހާ ނަސީމްގެ އިތުރުން އުވާލެވުނު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފާއި އަބްދުލްއަޒީޒް އިބްރާހިމެވެ.
މަޖިލީހުން ރުހުންދީގެން އައްޔަނުކުރި މެމްބަރުންގެ ތެރޭގައި ހިމެނެނީ ސިވިސް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތާއި ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގާއި ކުރީގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތެވެ.