އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ލ. މުންޑޫ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ، ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުންޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު މިއަދު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި، ރަށުގެ ކައުންސިލުން ވިދާޅުވީ ރަށަށް މިވަގުތު ބޭނުންވާ އެންމެ މުހިންމު ކަމަކީ ރަށުގެ ބަނދަރު ރަނގަޅުކޮށްދެއްވުން ކަމަށެވެ. މީގެއިތުރުން، މި ބައްދަލުކުރެއްވުމުގައި އާއްމުންގެ ފަރާތުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ސިއްހީ ހިދުމަތް މިހާރަށް ވުރެ ރަނގަޅުކޮށްދެއްވުމަށާއި، ރަށުގައި އަންހެނުން ވޮލީކުޅޭނެ ކޯޓެއް ހެދުން ހިމެ އެވެ.
މީގެއިތުރުން، ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ކުރިއަށް ގެންދަވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ، ކުޅިވަރުގެ ވަސީލަތް ގާއިމްކޮށްދެއްވުމާއި، ސިއްހީ މަރުކަޒުން ބައެއް ޓެސްޓްތައް ހެދޭނެ ވަސީލަތް ގާއިމު ކުރުމާއި، ސްކޫލް އޭސީ ކުރުމުގެ މަސައްކަތް، މުންޑޫގައިވެސް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށެވެ.