ލ. ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ މަތީ ފަންތީގައި ހިދުމަތް ދޭ 5 ތަރީގެ ރިސޯޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާމެންދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ވައިސް ޗާންސެލާ ޑރ. ރަހީމާ އަބްދުއްރަހީމެވެ. އަދި ރިސޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ނެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަޝްރޫއުއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، އަދި ކުރަން ބޭނުންވާ ފަރާތްތަކާއި މާމެންދޫގެ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.
ފަތުރުވެރިކަމުގެ އެ ބޮޑު މަޝްރޫއުގެ އިތުރުން ލ. މާމެންދޫގެ ތަރައްގީއާ ގުޅިފައިވާ އިތުރު މަޝްރޫއުތަކުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށާފަ އެވެ. އެގޮތުން މާމެންދޫގެ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅާފައިވާއިރު އެ ރަށުގެ ސިއްހީ މަރުކަޒުގައި ތަރައްގީކޮށްފައިވާ ލެބޯޓްރީގެ ހިދުމަތްތައްވެސް ވަނީ ފަށާފަ އެވެ.
މި ހުރިހާ މަޝްރޫއުތަކަކީވެސް ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންގޮސްދޭނެ މަޝްރޫއުތަކެއްކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ. އަދިވެސް ރަށުގެ ތަރައްގީއަށް މުހިއްމު އިތުރު މަޝްރޫއުތައް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.