މޯލްޑިވްސް ބްރޯޑްކާސްޓިން އެންޑް މީޑިއާ ކޮމިޝަނަށް އައްޔަނުކުރާ ތިން މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
7 މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް މީޑިއާތަކުގެ ފަރާތުން އިންތިހާބުކުރާ 4 މެމްބަރުން އެ މަގާމުތަކަށް އައްޔަނުކޮށްފައިވާއިރު ބާކީ ތިން މެމްބަރުންގެ މަގާމަށް ހޮވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކޮމިޝަނަށް އައްޔަނުކުރަން ފާސްކުރީ:
- ސަފާ ޝަފީގު، ބިއްލޫރިވިލާ ދ. މީދޫ
- މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
- ސަހާރަތު އިއްޒަތު، ގ. ގޮފި
އެއީ އެ މަގާމަށް ކުރިމަތިލައި އިންޓަވިއުކުރި 8 މީހުންގެ ތެރެއިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 75% އަށް ވުރެ މަތިން މާކްސް ދިން ތިން މީހުން ނެވެ.
މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ހޮވުނީ ވޯޓަކާ ނުލަ އެވެ.އެއީ ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ޒަމްއަތު ވަހީދާއި ވަގުތު ނޫހުގެ ނޫސްވެރިޔާ އަދި ރާއްޖެ ޓީވީ ކުރީގެ ސްޓޭޝަން އިންޗާޖު ސިމާހާ ނަސީމްގެ އިތުރުން އުވާލެވުނު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފާއި އަބްދުލްއަޒީޒް އިބްރާހިމް އެވެ.