ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ލިބިއްޖެ

435226_0266f928-2_

ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ލިބިއްޖެ

SHARE

ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިއްޖެ އެވެ.

މިއަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސް ދިނުމަށްޓަކައި ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްގައި މިއަދު ބޭއްވި ހަފުލާއެއްގައި ލިބުނު މި އެވޯޑަކީ ރާއްޖޭގެ ޗާލު ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ސާފު ރީތި މޫދާއި ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލައިގެން ދިން އެވޯޑެކެެވެ.

މިއަހަރުގެ ގްލޯބަލް ޓޫރިޒަމް ފޯރަމް އެނުއަލް މީޓިން ގެ އެންމެ ހާއްސަ އެއް އިވެންޓުގެ ގޮތުގައި ކުރިއަށްގެންދިޔަ ވޯލްޑް ޓޫރިޒަމް އެވޯޑްސްގައި ރާއްޖެއަށް ލިބުނު މި އެވޯޑާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހަވާލުވެވަޑައިގަތީ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދެވެ.

މި ހަފުލާގައި ޑރ. ވަހީދު ހަސަން ވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ އެ އެވޯޑު ލިބިވަޑައިގަތުމުން އެކަމަށްޓަކައި ރައީސްގެ ނަންފުޅުގައި ޝުކުރުއަދާކުރައްވާފަ އެވެ.

"ރީޑިފައިނިން ޓުއަރިޒަމް އިން އަ ޗޭންޖިން ވޯލްޑް،" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިން އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން ގުޅިގެން ސިނާއަތުގެ މުސްތަގްބަލު ބައްޓަން ކުރުމަށް އީޖާދީ ވިސްނުމާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެވެ.

ދުނިޔޭގެ ފަތުރުވެތިކަމުގެ ދާއިރާގައި ވާދަކޮށްގެން މިއަހަރުގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިފައިވާއިރު، އެއީ ކަނޑުފަޅުގެ މާހައުލުގެ ގުދުރަތީ ދިރުންތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.