ލ.ފޮނަދޫ ބިން ހިއްކުމާއެކު، އެ އަތޮޅު އެއާޕޯޓު ކަމުގައިވާ ކައްދޫ އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފައިވާ މި މަޝްރޫއު ފައްޓަވައިދެއްވީ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފު މުހައްމަދެވެ.
މި މަޝްރޫއުގެ ދަށުން ކައްދޫ އެއާޕޯޓު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ފެންވަރަށެވެ. އެ އެއާޕޯޓުގައި 2،800 މީޓަރުގެ ރަންވޭއެއް ތަރައްގީކުރާނެ އެވެ.
މީގެއިތުރުން، ފޮނަދޫގައި ގާއިމުކުރާ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަސް ބިނާކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފަ އެވެ. ކެމްޕަސްގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ފައްޓަަވައިދެއްވުމުގައި ޔުނިވަސިޓީގެ ޗާންސެލާ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲއާއި، މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީ ބައިވެރިވެވަޑައިގަތެވެ.