ކައުންސިލް ވަކި ވެއްޖެ ނަމަ ވަކި ވަކި ކައުންސިލަށް ވެސް ބަޖެޓު ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި އަންނަ ހޮނިހިރު ދުވަހު ނަގާ އައްޑޫގެ އާއްމު ވޯޓާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ނެވެ.
މިފަދަ ވޯޓެއް ނަގަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ތިން ރަށުގެ ރައްޔިތުންގެ ފަރާތުން ވަކި ކައުންސިލުތައް ހެދުމުގެ މައްސަލައިގައި ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައި އޮތުމުން ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިއީ ގާނޫނީ ނިޒާމުގެ ތެރެއިން ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމަށެވެ. އެމަނިކުފާނު ވަނީ އެ ތިން ރަށުގެ ރައްޔިތުން ނިންމަވާ ކޮންމެ ގޮތަކީ ސަރުކާރުގެ ނިންމެވުން ކަން ތަކުރާރުކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ އެކަމުގައި ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ވަކި ކައުންސިލްތަކެއް ހަދަން މި ތިން ރަށުގެ ރައްޔިތުން ނިންމައިފިނަމަ، ވަކި ކައުންސިލުގެ ހުރިހާ ހައިސިއްޔަތެއް އެކައުންސިލުތަކަށް ލިބޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު މުޅި ސިޓީ ކައުންސިލަށް އޮންނަ އެއް ބަޖެޓްގެ ބަދަލުގައި ވަކި ކައުންސިލުތައް ހަދަން ނިންމައިފިނަމަ، ހުޅުދޫ، މީދޫ އަދި ފޭދޫ ކައުންސިލަށް ވަކި ބަޖެޓު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ފޭދޫ ކައުންސިލަށް އަހަރަކު ބްލޮކް ގްރާންޓްގެ ގޮތުގައި 25 ވަރަކަށް މިލިއަން ރުފިޔާ، ހުޅުދޫ ކައުންސިލަށް ގާތްގަނޑަކަށް 13 ނުވަތަ 14 މިލިއަން އަދި މީދޫ ކައުންސިލަށް ބްލޮކް ގްރާންޓްގެ ގޮތުގައި ގާތްގަޑަކަށް 18 މިލިއަން ރުފިޔާ ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ހޮނިހިރު ދުވަހު ނަގާ ވޯޓުން އެ ތިން ރަށުގެ ރައްޔިތުން ވަކި ކައުންސިލުތައް އުފައްދަން ނުވަތަ، އެނޫން ގޮތަކަށް ނިންމިޔަސް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކޮންމެކަމެއްގައި ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ.