ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވައްކަމުގެ 71 މައްސަލައާއި 16 މައްސަލައަށް ފުލުހުން އެޓެންޑުވި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން ވަނީ މާލެ ފްރޮންޓްލައިން ޕޮލީސިން އިން މިދިޔަ މަހުގެ 1 އިން 31 އަށް ކުރި މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާއްމުކޮށްފަ އެވެ. އެގޮތުން 71 ވައްކަމުގެ މައްސަލައާއި، 12 ފޭރުމުގެ މައްސަލައާއި 16 މާރާމާރީގެ މައްސަލައިގެ އިތުރުން 10 އެކްސިޑެންޓެއްގެ ސީންއަށް ފުލުހުން އެޓެންޑުވެފައިވެ އެވެ.
އެ މުއްދަތުގައި 27464 ލޮކޭޝަން ޗެކް ކުރެވުނުއިރު 86 ވެހިކަލް ޗެކްޕޮއިންޓުގައި މަސައްކަތް ކޮށްފައިވާ ކަން ވަނީ ހާމަކޮށްފަ އެވެ. 5264 މީހަކު ހުއްޓުވައި ސުވާލުކުރެވުނު އިރު، ފުލުހުން ބުނީ އޭގެތެރެއިން 4776 މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުން ކަމަށެވެ.
މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް ރިކަވާކުރެވުނު މުދަލުގެ ތަފާސްހިސާބުތަކަށް ބަލާއިރު 109 ސައިކަލު ހޯދައި، 13 ފޯނާއި، 4 އިލެކްޓްރޯނިކްސްގެ އިތުރުން 588،822.76 ރުފިޔާ ވަނީ ހޯދާފަ އެވެ. އަދި އެ މުއްދަތުގައި ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށްޓަކައި ވެސް ގިނަ މަސައްކަތްތަކެއް އެ ޚިދުމަތުން ކުރަމުންދާއިރު ފުލުހުން ބުނީ، މިދިޔަ މަހުގެ ތެރޭގައި 703 ކޮމިއުނިޓީ އިންޓަރެކްޝަން ބޭއްވިއިރު 187 މައްސަލައެއް ހައްލުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން ކުށަކަށް ނުވާ 137 ކަންބޮޑުވުމެއް އެ ޚިދުމަތާ ހިއްސާކުރިއިރު 81 ކަމެއް ކުށާއި ގުޅުންހުރި ކަމެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.