ވަގަށް އެތެރެކުރަނިކޮށް، ކަސްޓަމްސް އިން ހިފަހައްޓައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައިހުރި ސިނގިރެޓްތައް ގެއްލުނު މައްސަލައިގައި ހައްޔަރުކުރި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް 15 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި ހުރީ ބަހައްޓާފަ އެވެ. އެ ސިނގިރެޓު ވަގަށް ނަގާފައިވާކަން އެނގުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.
އެ މައްސަލާގެ ތަހުގީގު މިހާރު ކުރިއަށްދާއިރު ފުލުހުން ވަނީ އާރިފާއެކު، އެކަމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ވަނަވަރުވެސް ފުލުހުން މިހާރު ވަނީ އާއްމުކޮށްފަ އެވެ. އެ މީހުންނަކީ:
- ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)
- އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)
- ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ
- ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް
ފުލުހުން ބުނެފައިވަނީ އެ މީހުންގެ ބަންދާ މެދި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އާރިފްއާއި ޒިވާރު 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ. މުހައްމަދު ވަހީދަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު މުއާޒަށް ފަސް ދުވަސް ޖަހާފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ބަލައި ފާސްކޮށްފައިވެ އެވެ. މި މައްސަލައާ ގުޅޭ އޮޕަރޭޝަނެއް ރޭ ވެސް ކުރިއަށްދިޔަ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފި އެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓާފައި ވަނީ 1،360 ކޭސް ސިނގިރޭޓެވެ. 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އެއީ 13.6 މިލިއަން ސިނގިރޭޓެވެ. މި ސިނގިރޭޓަށް 122 މިލިއަން ރުފިޔާގެ ޑިއުޓީ ދައްކަން ޖެހޭނެ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފައިވެ އެވެ.