ރާއްޖޭގަ އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ މި ބިލު ހުށަހެޅުއްވީ ޓްރާންސްޕްލާންޓު ކުރުމުގެ ޚިދުމަތް ދޭ ތަންތަނަށް ހުއްދަދިނުމާއި އެ ތަންތަނާއި އެ ތަންތަނުން ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާޓްތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމަށެވެ.
މި ބިލުގެ ދަށުން ހުއްދަ ދޫކުރެވޭނީ ލައިވް-ޑޯނާ އޯގަން ޓްރާންސްޕްލާންޓު ކުރުމަށެވެ. ޑިޒީސްޑް ޑޯނާ އޯގަން ޓްރާންސްޕްލާންޓުކުރުމަކީ މަނާކަމެކެވެ.
ޓްރާސްޕްލާންޓު ކުރެވޭނީ ހަމައެކަނި އެއް ވައްތަރުގެ ދެ ގުނަވަން ހުންނަ ގުނަވަންތަކާއި ރީޖެނެރޭޓިވް ގުނަވަން ކަމަށް ބިލުގައިވެ އެވެ. އެއް ވައްތަރުގެ ދެ ގުނަވަން ހުންނަ ގުނަވަނެއް ޓްރާންސްޕްލާންޓު ކުރެވުނު ނަމަވެސް މީހެއްގެ އޯވަރީއެއް ނުވަތަ ޓެސްޓިކަލްއެއް ޓްރާންސްޕްލާންޓް ނުކުރެވޭނެ އެވެ.
ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ހުއްދަ ދޭނީ ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީންނެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލަވާލެވޭ މި ކޮމިޓީގެ ޒިންމާއަކީ:
- ގުނަވަން ޓްރާންސްޕްލާންޓުކުރުމާ ގުޅެ ގޮތުން ކޮމިޓީއަށް ހުށަހެޅޭ ވަކިވަކި ހުށަހެޅުންތަކަށް ހުއްދަ ދިނުން
- ގުނަވަން ހަދިޔާކުރާ ފަރާތުން ދީފައިވާ ރުހުމަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ، ފުރިހަމަ އިހުތިޔާރުގައި ދީފައިވާ ރުހުމެއްކަން ކަށަވަރުކުރުން
- ގުނަވަން ޓްރާންސްޕްލާންޓުގައި ހިމެނޭ ދެފަރާތަށް އެކަމާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބިފައިވާކަން ކަށަވަރުކުރުން
- ގުނަވަން ޓްރާންސްޕްލާންޓުކުރުމުގައި ފގުނަވަނުގެ ވިޔަފާރިކުރުމުގެ އެއްވެސް އަމަލެއް ހިންގާފައިނުވާކަން އަދި ހިންގަމުންނުދާކަން ކަށަވަރުކުރުން
- ހުއްދައަށް އެދޭ ފަރާތުން ހުށަހަޅަން ޖެހޭ ލިޔެކިއުންތައް ފުރިހަމަކޮށް ހުށަހަޅާފައިވޭތީ ބަލައި، އެ ލިޔެކިއުންތައް ރައްކާކުރުން
ގުނަވަނެއް ޓްރާންސްޕްލާންޓުކުރުމުގެ މުގާބިލުގައި ކަމަށް ބެލެވިދާނެ ފަދަ ގޮތެއްގައި ގުނަވަން ލިބިގަންނަ ފަރާތުގެ ގިނައިން ނުވަތަ ހަދިޔާކުރާ ފަރާތުގެ ކިބައިން ނުވަތަ އެއިން މީހަކާ ގުޅުމެއް އޮތް މީހެއްގެ ކިބައިން މާލީ އެއްވެސް މަންފާއެއް ލިބިގަތުމަކީ މަނާކަމެކެވެ. އެއީ ގުނަވަނުގެ ވިޔަފާރިކުރުމުގެ އަމަލެއް ކަމަށް ބެލެވޭނެ ކަމަށް ބިލުގައިވެ އެވެ. އެކަމަކު ގުނަވަން ހަދިޔާކުރުމުގެ ސަބަބުން އެމީހެއްގެ އާމްދަނީ އަށް ހުއްޓުމެއް އައުން ފަދަ މާލީ ގެއްލުމަކަށް ގުނަވަން ލިބިގަންނަ ފަރާތުން ބަދަލު ދިނުމަކަށް މި ބިލުން ހުރަހެއް ނާޅައެވެ.