ބިދޭސީންގެ ޖޫރިމަނާ އާއި ފީތައް ފަހުން ދައްކައި ހަލާސް ކުރާ ނަމަ، ކުރިން ފީ ނުދައްކާ ހުރި ވޯކް ޕާމިޓުތައް ބާތިލް ކޮށްދޭން ހޯމް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން މިކަން ހާމަކުރީ، ވޯކް ޕާމިޓު ބާތިލުކުރުމާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގަ އެވެ.
މީގެކުރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 27،000 އަށް ވުރެ ގިނަ ބިދޭސީން ބަޔޯމެޓްރިކް ޑޭޓާ ފުރިހަމަކޮށްފައި ނުވެެ އެެވެ. އެހެންކަމުން ”އެކްސްޕެޓް އޮންލައިން ސިސްޓަމް“ ގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާދޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ އެއްވެސް ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައި ނުވާނަމަ، 2025 ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން އެކަން ފުރިހަމަ ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެގޮތުން، މި މައްސަލައިގައި މިނިސްޓްރީން ބުނީ އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން ބައޯމެޓްރިކްސް އަދާހަމަ ނުކުރާނަމަ، ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށެވެ. މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖެއިން ޑީޕޯޓު ކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، އެ ބިދޭސީންގެ ވަޒީފާދޭ ފަރާތްތައް، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށްވެސް ބުންޏެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓުތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ވޯކް ޕާމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ހަލާސްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށްފަހު، ވޯކް ޕާމިޓްތައް ބާތިލުކުރެވޭނެ އެވެ.
މީގެއިތުރުން، މި ގޮތުގެ މަތިން ބާތިލުކުރެވޭ ވޯކް ޕާމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރެވޭނީ، އެ ޕާމިޓަކާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ހަލާސްކުރުމުން ކަމުގައިވެސް އެ އިއުލާނުގައިވެ އެވެ. އަދި، މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ޑިޕާޓްމަންޓު އޮފް ފޮރިން ލޭބާގެ ހެލްޕް ސެންޓަރުގެ ނަންބަރު 1485 އަށް ގުޅުމަށް ނުވަތަ xpat@mohst.gov.mv އަށް އީމެއިލްކުރުމަށް ވަޒީފާދޭ ފަރާތްތަކަށްވެސް ވަނީ އަންގައިފަ އެވެ.
މި ބަދަލަކީ ރާއްޖޭގެ ބިދޭސީންގެ މަސައްކަތްތެރިކަމުގެ ހުއްދަތަކާ ގުޅުންހުރި އިދާރީ ކަންކަން ހަރުދަނާކޮށް، ފަސޭހަކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ބަޔާނުގައިވެ އެވެ.
ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68،000 ފަރާތް ރަޖިސްޓްރީވެފައިވެ އެވެ. އޭގެތެރެއިން 3،942 ފަރާތުގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް މިހާތަނަށް އަދަހަމަކޮށްފަނުވާކަން ވަނީ ފާހަގަވެފަ އެވެ. ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8،000 އަށްވުރެ ގިނަ ފަރާތް، އެކްސްފެޓް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ ފަރާތްތަކުން ދައުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ހޯދާފަ އެވެ.