ކަނޑިތީމު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް މި މަހު ހަވާލުކުރަނީ

large_thumb_1760346858280

ކަނޑިތީމު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް މި މަހު ހަވާލުކުރަނީ

SHARE

ށ. ކަނޑިތީމު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް މިމަހު ބަޔަކާ ހަވާލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެވެ. ރައީސް ވިދާޅުވީ، ކަނޑިތީމުގެ ސިއްހީ ހިދުމަތް ފުޅާކުރުމަށްޓަކައި އެ ރަށުގައި ސިއްހީ މަރުކަޒަށް 2 ފަންގިފިލާގެ އިމާރާތެއް އިތުރުކުރުމަށް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި އާ ސިއްހީ މަރުކަޒުގައި ޖުމްލަ 20 އެނދު ހުންނާނެ ކަމަށެވެ. އަދި 10 ވޯޑާއި ޕްރައިވެޓް ރޫމް ހުންނާނެ އެވެ.

މީގެއިތުރުން، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވެފައިވާ ވައުދުތައް ވީހާވެސް އަވަހަށް ފުއްދާ ނަތީޖާ ނެރެދިނުމަށްކަމަށް  ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން، މިއަދު ކަނޑިތީމުގައި ފެށި މަޝްރޫއުތަކާއި އަލަށް ހަވާލުކުރި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތާއި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަން ރައީސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ރައީސް ވަނީ ކަނޑިތީމުގައި ހުއްޓިފައި ހުރި މަސައްކަތްތަކަކީ ރަށަށް މުހިއްމު މަސައްކަތްތަކެއްކަން ވެސް ފާހަގަކުރައްވާފަ އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ކަނޑިތީމުގެ ތަރައްގީއަށް ފެށި މަޝްރޫއުތައް ނިންމާލުމުގެ ރަސްމިއްޔާތަށް ތިން ވަނަ ފަހަރަށް އެ ރަށަށް ވަޑައިގަތުމުގެ އުއްމީދުގަ އެވެ.

ކަނޑިތީމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށާއި ބަނދަރު އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އަދި ކަނޑިތީމުގައި އަލަށް އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އާ ބްރާންޗާއި އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒު އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ ބިންގާ ވެސް މިއަދު ވަނީ އަޅައިފަ އެވެ.