މެމްބަރުން ޓައި އަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފި

ރައްޔިތުންގެ މަޖިލީސް

މެމްބަރުން ޓައި އަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފި

SHARE

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ހެދުން އެޅުމުގެ އުސޫލު ކަނޑައެޅުމަށް މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހެދުން އެޅުމުގެ އުސޫލެއް އެކުލަވާލުމަށްޓަކައި އާއްމު ކޮމިޓީން ވަނީ މަޖިލީހުގެ ގަވާއިދަށް ޖަދުވަލެއް އިތުރުކުރުމަށް ނިންމާފަ އެވެ. އެ ކޮމިޓީން އެކުލަވާލި ރިޕޯޓު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގަ ފާސްކުރީ 48 މެމްބަރުންގެ ވޯޓާ އެކު އެވެ.

މިގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފައިމިވަނީ މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައި ނާޅާ ވަޑައިގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ. ރިޔާސަތުން ގަބޫލުކުރާ ގޮތުގައި އެއީ މަޖިލީހުގެ އިއްޒަތާއި ގަދަރާއި ކަރާމާތަށް އަސަރުކުރާނެ ކަމެކެވެ.

މި އުސޫލުގެ ދަށުން ރަސްމީ ހެދުން އެޅުމަށް ބޭނުންކުރެވޭނީ ކޮން ހެދުމެއްކަން ވެސް ވަނީ ކަނޑައަޅާފަ އެވެ. އެއީ:

  • ކޯޓު ފަޓުލޫނު
  • ގަމީހައި ޓައީއާއި ފަޓުލޫނު
  • ގައުމީ ހެދުން/ ދިވެހި ސަގާފީ ހެދުން
  • އާއްމު އަދަބާ ޚިލާފުނުވާނެ ގޮތަށް ހުންނަ ރަސްމީ ހެދުން

މީގެއިތުރުން، މެމްބަރުންނަށް ހުއްދަ ނޫން ހެދުން ވެސް ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ.

ގަވާއިދަށް ގެނެވުނު ބަދަލުގައި ވަނީ މަޖިލީސްކުރާ މާލަށް ވަދެ ތިބޭ ފަރާތްތައް ވެސް ހެދުން އަޅަން ޖެހޭނީ އެގޮތަށް ކަމަށެވެ.