މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓަކު ރިޝްވަތަށް އެދިފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފި އެވެ.
މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މަހުގެ 8 ވަނަ ދުވަހު ދައުވާ ކުރަން ފޮނުވީ، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް، މުއާޒު އަލީގެ މައްޗަށެވެ.
އޭސީސީން ހުށަހަޅާފައިވަނީ، ގާނޫނުލް އުގޫބާތުގެ ދަށުން އެނގިހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ ކުރުމަށެވެ.
މި މައްސައަކީ 2018 ވަނަ އަހަރު ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު، ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ދޫކޮށްފައިވީނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައިނުވާތީ ބެލި މައްސަލައިގަ އެވެ. އޭސީސީން ބެލި ބެލުމުގައި އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު އަލީ ރިޝްވަތަށް އެދިފައިވާކަން އެނގިފައިވާ ކަމަށް ބުނެފައިވެ އެވެ. .