ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިޔަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
މެޓުން ބުނި ގޮތުގައި މާދަމާއިން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދާވާނެ އެވެ. އަދި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
މެޓުން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވާރެ ވެހި، ގުގުރާނެކަމަށް ވެސް ލަފާކޮށްފަ އެވެ.
ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރާއިރު، އެ އިދާރާއިން ވަނީ މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ހުދު ސަމާލު ނެރެފަ އެވެ. ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 02:30 އިން ފެށިގެން ރޭގަނޑު 20:30 އާ ހަމަޔަށެެވެ.
އެހެންވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ.